ފ. ނިލަންދޫގައި މި ސަރުކާރުން ތަރައްގީކުރަން ފެށި އެއާޕޯޓުގެ މަސައްކަތް ދެން ނުހުއްޓޭނެ ކަމަށާއި، އެކަން ނިންމާނީ އެންމެ ފުރިހަމައަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ފ. ނިލަންދޫގައި މި ސަރުކާރުން އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ފެށި އިރު، ޖެހިގެން އޮތް މަގޫދޫގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ވަނީ ކުރީ ސަރުކާރުގައި ފަށައިފަ އެވެ. މި ސަރުކާރުން މިހާރު ވަނީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން އެމްޓީސީސީއާ ހާވަލުކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ އަތޮޅުތެރެއަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން ފ. ނިލަންދޫ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވިދާޅުވީ، ހާރު އެއާޕޯޓުގެ މަސައްކަތަށް ބޭނުންވާ ބިން ހިއްކަން ފަށާފައިވާ ކަމަށާއި ދެން އެއާޕޯޓުގެ މަސައްކަތް ނުހުއްޓޭނެ ކަމަށެވެ. އަދި އެ މަސައްކަތް ނިންމާނީ އެންމެ ފުރިހަމައަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
""އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ނިލަންދޫގެ ލޮބުވެތި ރައްޔިތުންނަށް، ތި ބޭފުޅުންގެ ތަރައްގީގެ ލިސްޓުގެ 1 ،2، 3 ގޮސް 10އާ ހަމައަށް ވެސް އަދި އެއަށް ވުރެ ފަހަތަށް 100 ވަނައާ ހަމައަށް ވެސް އޮތް އެއާޕޯޓުގެ މަސައްކަތް ހަގީގަތަކަށް ހަދައިދީ އެ މަސައްކަތް މިހާރު މިއޮތީ ފެށިފައޭ،" ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ނިލަންދޫ އެއާޕޯޓު ތަރައްގީކުރާއިރު އެތަނުގައި ހިނަމަން ނިންމާފައިވާ ބައެއް ފީޗަރތަކުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެއާޕޯޓު ތަރައްގީކުރާނީ 1،800 މީޓަރުގެ ރަންވޭއަކާ އެކު ޕްރައިވެޓު ޖެޓު ޖެއްސޭ ފެންވަރަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރަށް އެ ރަށު ފަޅު ތެރޭގައި ރިސޯޓު ތަރައްގީކޮށް، އަތޮޅާއި ރަށަށް އިގްތިސާދީ ކުރިއެރުންތައް ލިބިގެންދާނެ ޕްލޭންތަކުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
ރައީސް ވިދާޅުވީ ރަށުގެ ރައްޔިތުން ބޭނުންވާ ކަންކަން ފުރިހަމަވެފައި ނުވާތީ މާޔޫސްވެފައިވާކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެދިވަޑައިގެންނެވި ވަރަށް ވުރެ ގިނަ ކަންކަން ޕްލޭންގަ އެބަހުރި ކަމަށާއި އެކަންކަމުގެ އިތުރަށް އެކި ސިނާއަތްތައް ނިލަންދޫގައި ގެންދެވޭ ފެންވަރުގެ ފުރިހަމަ މާސްޓަރ ޕްލޭނެއް އެބައޮތް ކަމަށް ވިދާޅުވިއެވެ. އަދި ރައީސް ވަނީ އެ ރަށަކީ ރައްޔިތުން ފަހުރުވެރިވާ ވަރުގެ އާބަން ސެންޓަރަކަށް ހަދައިދެއްވާނެ ކަމުގެ ވައުދުވެވަޑައިގެންފައެވެ.