ހަށިވިއްކުމާއި ތަފާތު އެހެން ކުށްތައް ކުރަން ފުޅާ ދާއިރާއެއްގައި ހިންގަމުން އައި ޓެލެގްރާމް ޗެނަލްގައި ހަށިވިއްކުމުގެ ވިޔަފާރިއަށް ގެންދާ މީހުން އުފުލުމަށް ބޭނުންކުރި ޓެކްސީގެ ޑްރައިވަރު ފުލުހުން ހައްޔަރު ކޮއްފިއެވެ.
ފުލުހުން މައުލޫމާތުދޭ ގޮތުގައި މިދިޔަ މަހުގެ 30 ވަނަ ދުވަހު 60 އަހަރުގެ ދިވެހި ފިރިހެނަކު މި މައްސަލައިގެ ތުހުމަތައް ހައްޔަރު ކޮއްފައިވާކަމަށެވެ. އަދި ފުރަތަމަ ފަހަރަށް މި މީހާގެ ބަންދަށް 15 ދުވަސް އަދި އެ މުއްދަތު ހަމަވުމުން ބަންދުގެ މުއްދަތު އިތުރު ކޮށްފައިވާކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.
މި ޓެލެގްރާމް ޗެނަލް ހިންގަމުން އައި ކަމަށް ތުހުމަތު ކުރެވޭ 2 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ މީގެ ކުރިން ގެންދެވިފައެވެ.