ނ. ކެނދިކުޅުދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އިއްޔެ ހަވީރު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫޢު ފައްޓަވައިދެއްވީ އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަޑް) އަލީ ޒުހޭރާއި ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސްގެ ސްޓޭޓް މިނިސްޓަރު އުސްތާޛް މޫސާ ފަތުހީއެވެ. މި ރަސްމިއްޔާތުގައި ކެނދިކުޅުދޫ ކައުންސިލުގެ މެންބަރުންނާއި އަންހެނުންގެ ތަރއްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުން އާންމުން ބައިވެރިވެފައިވެއެވެ.
އާރުޑީސީން ބުނީ ކެނދިކުޅުދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ފުރަތަމަ މަރުޙަލާގައި ޖުމްލަ 8 މަގެއްގެ މަސައްކަތް ކުރެވޭނެ ކަމަށާއި އެއީ މުޅި ޖުމްލަ 3668.1 މީޓަރު ކަމަށެވެ. މި މަޝްރޫޢުގެ ދަށުން މަގުތައް ތަރައްޤީ ކުރާއިރު ސްޓޯރމް ވޯޓަރ ނެޓްވޯކާއި ފެން ހިއްކުމަށް ގަޓަރުތައް ހެދުމާއި ފެނާއި ނަރުދަމާ ހިމެނޭހެން ޔުޓިލިޓީ ލައިންތަކަށް ބޭނުންވާ ޖަންކްޝަންތައް ބެހެއްޓުމާއި ދުވާރުތައް ހެދުމާ ތާރު އެޅުމުގެ އިތުރުން މަގު ބައްތި ޖެހުމާއި ސްޕީޑް ބްރޭކަރާއި ޓްރެފިކް ބޯޑު ހަރުކުރުން ފަދަ މަސައްކަތް ކުރެވިގެންދާނެ ކަމަށެވެ.
މި މަޝްރޫޢު ނުވަދިހަ މިލިއަން އަށް ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރެވޭއިރު، އާރުޑީސީން ބުނީ މަޝްރޫޢު ހިންގުމަށް ކެނދިކުޅުދޫގައި ޤާއިމް ކުރެވޭ އެ ކުންފުނީގެ ސައިޓާއި އަދި މަގު ހެދުމުގެ މަޝްރޫޢަށް ބޭނުންވާ ސާމާނުގެ އިތުރުން ވެހިކަލްތައް މިހާރުވަނީ އެރަށް ފޮނުވާފައި ކަމަށެވެ. ކެދިކުޅުދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގައި ސޮއި ކުރީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ 1 ވަނަ ދުވަހުއެވެ.