ގދ ތިނަދޫ ކައުންސިލް ސިޓީ ކައުންސިލަކަށް ބަދަލުވުމާއި ގުޅިގެން ތިނަދޫ ސިޓީގެ މޭޔަރާއި ޑެޕިއުޓީ މޭޔަރާއި ސިޓީ ކައުންސިލުގެ މެމްބަރުން ހުވައި ކުރެއްވުމާއިއެކު ތިނަދޫ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުން މަޤާމުގެ އިޤުރާރުގައި ސޮއި ކުރެއްވުމުގެ ދަރުބާރު ބާއްވައިފިއެވެ.
ރޭ ތިނަދޫ ސިޓީގެ އާބާދީ މަރުކަޒުގައި ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތުގައި ކައުންސިލަރުންނަށް ހުވާލާދެއްވީ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޒާ ނަޝާތަތު ޒާއީމް އެވެ.
މިޔާ އެކު ތިނަދޫ ސިޓީގެ ތާރީހުގައި ފުރަތަމަ ފަހަރަށް މޭޔަރަކަށް ސައުދު އަލީ އަދި ޑެޕިއުޓީ މޭޔަރަކަށް ވަނީ ނަސްރުﷲ އަލީ ވެފައެވެ. ރަށުގައި ދިރި އުޅޭ ބޮޑު އާބާދީ އެއް އޮވެމެ އެންމެ އެކަށޭނަ ގޮތަކަށް ޙިދުމަތް ދިނުމަށް ވަނީ ދަތިތަކެއް ހުރިކަން ފާހަނގަކޮށް މޭޔަރު ވަނީ އެކަމަށް ހައްލު ހޯދުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2010/7) 51 ވަނަ މާއްދާގެ (ރ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލަކީ، "ތިނަދޫ ސިޓީ ކައުންސިލް" ގެ ގޮތުގައި އަދި "ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ" އަކީ "ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ"ގެ ގޮތުގައި ހަމަޖައްސަވާފައި ވަނީ 2024 މާރިޗު 26 ވަނަ ދުވަހުން ފެށިގެންނެވެ. އަދި މިކަން ޢިއުލާނުކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައެވެ.