އދ. ދިގުރަށުން ފުރައިގެން މާލެ ދަތުރުކުރަމުން ދިޔަ ލޯންޗެއް އަޑިއަށް ގޮސް ކަނޑުވެފައި ތިބި 48 މީހުން ސަލާމަތް ކޮށްފިއެވެ.
ފުލުހުން ބުނީ މާލެ ދަތުރުކުރި "ހުވަން" ނަމަކަށް ކިޔާ ލޯންޗެއް އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 7:57 ގައި ކަމަށެވެ. މި ލޯންޗުގައި 45 ފަސިންޖަރުންނާއި ތިން ފަޅުވެރިން ތިބި ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރޭގައި ހަތަރު ކުޑަކުދިން ވެސް ހިމެނެއެވެ.
ފުލުހުން ބުނީ ރިޕޯޓު ލިބުމާއެކު ފުލުހުންގެ އިމަޖެންސީ ރެސްޕޮންސް ޓީމުތަކުން ހަރަކާތްތެރިވެފައިވާ ކަމަށެވެ. އެގޮތުން ހުރިހާ ކުޑަކުދިންވެސް ހިމެނޭހެން މި ހާދިސާގައި ކަނޑުވެފައި ތިބި އެންމެން ފުލުހުންގެ ޓީމުތަކުން ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ހާދިސާ ހިނގި ސަރަހައްދަށް ދިޔައިރު، ލޯންޗުގައި ތިބި އެންމެން ތިބީ ކަނޑުވެފައެވެ. އެމީހުން ތިބީ ލައިފްޖެކެޓް އަޅައިގެންނެވެ.
މި ހާދިސާގައި ސަލާމަތް ކުރި އެންމެން ވެސް މިހާރު ވަނީ ދިގުރަށަށް ގެންގޮސްފައެވެ. އަދި މި އެންމެންގެ ވެސް ސިއްހީ ހާލު ރަނގަޅެވެ.



