ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވެސް އިން އިންތިޒާމްކޮށްގެން ބާއްވާ "އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު 1445″ ގެ ޕާޓްނަރަކަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެކު ސޮއި ކޮށްފިއެވެ.
މިކަމަށްޓަކާ އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ބައިބަލާ އެސޯސިއޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކެރެޓަރީ ސައީދު އަލީ އެވެ. އަދި ހައިސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކޯޕަރޭޝަންގެ މާކެޓިން އެންޑް ޕީއާރު އަހުމަދު ޔާމިން އެވެ.
އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު މިއަހަރުވެސް ބޭއްވުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މިދިޔަ އަހަރުވެސް މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލޭގައެވެ.
އީދު ބައިބަލާ ޗެލެންޖަކީ ދިވެހި ޒުވާނުންގެ މެދުގައި ވަރަށް ފޯރިޔާއި އެކު ކުރިއަށްދާ މުބާރާތެކެވެ. މި މުބާރާތަށް ޓީމުތަކުން މިހާރުވެސް ދަނީ ވަރަށް ބޮޑަށް ތައްޔާރީތަށް ވަމުންނެވެ.
މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ ހުޅުމާލެ ސެންޓްރަލް ޕާކުގައި މުބާރާތުގެ ތައްޔާރީތަށް މިހާރު ދަނީ ކުރެވެމުންނެވެ. މުބާރާތުގެ ތައްޔާރީތައް ކުރިއަށް ދަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑިސީ) ގެ ވެސް އެހީ ތެރި ކަމާއި އެކުއެވެ.