އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވައިލުމަށް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުން ވެފައިވާ އެއްބަސްވުމާ އެއްގޮތައް ރާއްޖެއިން ފައިބަން ހަމަޖެހިފައިވާ ދެވަނަ ގްރޫޕު މި މަހު ނުވަވަނަ ދުވަހު ރާއްޖެއިން ފައިބައިފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރޭ އައްޑޫ ސިޓީގައި ކުރިއަށްގެންދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ބޭތިއްބުން ނިމުމަކަށް ގެނައުމުގެ މަސައްކަތް ފުރަތަމަ ދުވަހުވެސް އެމަނިކުފާނު ފެއްޓެވިކަމަށެވެ.
"ބާކީ އޮތީ އެންމެ ޕްލެޓްފޯމެއް. ހަމަ ކުރީގައި ވެސް ސޮއިކޮށްފައި އޮތް ގޮތަށް 10 މޭ ގެ ކުރިން އެ މީހުން ވެސް ގެންދާނެ." ރައީސް ވިދާޅުވި.
ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލުގެ ތެރެއިން ސަރުކާރުން ވެފައިވާ އެންމެ ބޮޑު ވައުދަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމުގެ ވައުދެވެ. ރައީސް ރޭގެ ވާހަކަފުޅުގައިވެސް ތަކުރާރުކޮށް ވިދާޅުވީ ވައުދެއް ވިއްޔާ އެމަނިކުފާނު މަސައްކަތް ކުރާނީ އެންމެ ފުރިހަމައަކަށް ރައްޔިތުންނަށް އެކަމެއް ކޮށްދެވޭތޯކަމަށެވެ.
"އެހެންވީމާ އެ ވައުދު ފުއްދުނީ ނޫންތޯ؟ މިތާ ތިބި ބޭރުގެ ހުރިހާ ސިފައިން 10 މޭ ގެ ކުރިން ފައިބާނެ. އެހެންވީމާ އަޅުގަނޑު ވާ ވައުދެއް ވިއްޔާ އިރާދަކުރެއްވިއްޔާ މަސައްކަތް ކުރާނީ ހަމަ އެންމެ ފުރިހަމައަކަށް އެ ކަމެއް ކޮށްދޭން." ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ 100 ދުވަހުގެ ޕްލޭންގައި ވެސް އިންޑިއާ ސިފައިން ފޮނުވާލުން ހިމެނޭ އިރު މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު ރާއްޖޭގައި 88 އިންޑިއާ ސިފައިން ތިބިކަމަށް ރަސްމީ މަސްދަރުތަކުން ހާމަވެއެވެ. މީގެ ކުރިން ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައިވަނީ ދެ ގައުމުގެ ސަރުކާރުން މަޝްވަރާކުރުމަށްފަހު އެއްބަސްވީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ވައިގެ ތިން އުޅަނދެއްގެ އޮޕަރޭޝަނަށް ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ ތެރެއިން އެއް ބަޔަކު މިދިޔަ މަހުގެ 10ވަނަ ދުވަހުގެ ކުރިން ރާއްޖެ ގެންދިއުމަށް ކަމަށެވެ. އަދި ބާކީ ސިފައިން މޭ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ރާއްޖެއިން ގެންދިއުމަށް އެއްބަސްވެވިފައިވާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
އެ އުޅަނދުތައް އޮޕަރޭޓު ކުރަން ސިފައިންގެ ބަދަލުގައި މަދަނީ މީހުން ބޭތިއްބުމަށް އެއްބަސްވިއިރު މި އެއްބަސްވުމުގެ ދަށުން އެންމެ ފުރަތަމަ ރާއްޖެއިން ގެންދިޔައީ އައްޑޫގައި ތިބި 25 ސިފައިންނެވެ. އައްޑޫގެ އިތުރުން ލ. ކައްދުއާއި ހދ. ހަނިމާދޫ އަދި މާލެ އަތޮޅު އުތުރު ތިލަ ފަޅުގައިވެސް އިންޑިއާ ސިފައިން ތިބިކަމަށްވަނީ ޔަގީންކުރެވިފައެވެ.