Corp-Feature-Photo-9-1

ސްޓެެލްކޯގެ 350 އަށްވުރެ ގިނަ މުވައްޒަފުން ރީޑިންގ ނެގުމުގެ ބޮޑު ހަރަކާތަކަށް

Corp-Feature-Photo-9-1

ސްޓެެލްކޯގެ 350 އަށްވުރެ ގިނަ މުވައްޒަފުން ރީޑިންގ ނެގުމުގެ ބޮޑު ހަރަކާތަކަށް

ސްޓެެލްކޯގެ 350 އަށްވުރެ ގިނަ މުވައްޒަފުން ރީޑިންގ ނެގުމުގެ ބޮޑު ހަރަކާތަކަށް މާދަމާ ނުކުނަން ނިންމާފައިވާކަން އެކުންފުނިން މިއަދު ހާމަކޮށްފި އެވެ.

ކުރިޔަށް އޮތް ރޯދަ މަހަށް ސްޓެލްކޯއިން ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވުނު ޚާއްސަ ބައްދަލުވުމުގައި އެކުންފުނިން ބުނީ ⁠ސްޓެލްކޯގެ ބިލިންގ ސައިކަލް މިހާރު ހުރި ގޮތުން، މިދިޔަ ރޯދަމަހުގެ ޔޫސޭޖަށް ޑިސްކައުންޓު ދެވިފައިވަނީ ދެ ބިލަކަށް ޑިސްކައުންޓު ދެވިގެން ކަމަށާއި އޭގެ ބަދަލުގައި މި އަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރޯދަމަސް ނިމެންދެން ބިލެއް ހެދުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.

އަދި މި ބިލްގައި ޑިސްކައުންޓު ހިމެނިގެންދާނީ މިދިޔަ އަހަރުގެ އެންމެ ހޫނު 3 މަސްދުވަސް އުނި ކުރުމަށްފަހު ބާކީ 9 މަސް ދުވަހުގެ އެވްރެޖެއް ހަދައި އެ އެވްރެޖަށްވުރެ ބޮޑު ނުވާނެ ގޮތަކަށް ކަމަށާއި ބިލް ހިސްޓްރީ ނެތްތަންތަނަށް އެންމެ މަދުވެގެންވެސް %10ގެ ޑިސްކައުންޓެއް ދެވިގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ.

މިއާއިއެކު ⁠ރޯދަމަހުގެ ކުރިން މިހާރު ބިލް ނުކުރެވިހުރި ދުވަސްތަކަށް ބިލް ކުރުމަށްޓަކައި، ސްޓެލްކޯގެ އެންމެ އިސްވެރިން ހިމެނޭހެން 350 އަށްވުރެ ގިނަ މުވައްޒަފުން މާދަމާ ނިކުމެ ރީޑިންގ ނެގުމަށް ވަނީ ހަމަޖެހިފައިކަން އެކުންފުނިން ހާމަކުރެއެވެ. އަދި މި ރީޑިންގ ހިމަނައިގެން ތައްޔާރުކުރާ ބިލްތައް ދެއްކުމަށް 30 ދުވަހުގެ މުއްދަތެއް ދެވިގެންދާނެ ކަމަށާއި މި ހަރަކާތައް ކަސްޓަމަރުންގެ ފުރިހަމަ އެއްބާރުލުމަށް ސްޓެލްކޯއިން އެދޭ ކަމަށް އެކުންފުނިން ބުނެއެވެ.

މުޅިމާލޭ ސަރަހައްދުގެ ރީޑިންގ ނެގުމަށް 12 ވަރަކަށް ދުވަސްހޭދަވާއިރު ފެބްރުއަރީ މަހުގެ ރީޑިންގ ނެގިފައިވާ ދުވަހަށް ބަލައި، މި ބިލްތަކުގެ ތެރޭގައި 27 ދުވަހުން ފެށިގެންގޮސް 12 ދުވަހުގެ ބިިލްތައްވެސް ހިމެނޭނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ. އަދި ހަމަ މިގޮތަށް ރޯދަމަހުގެ ބިލް ތައްޔާރު ކުރުމަށްޓަކައި ރޯދައިގެ ފަހު ދުވަހު ރީޑިންގ ނަގައި އެމަހަށް އެކީ ބިލް ކުރެވިގެންދާނެކަންވެސް ވަނީ ހާމަކޮށްފައި އެވެ.

މާދަމާގެ އެކްސަަސައިޒް ނިމޭއިރު، ރީޑިންގ ނެގުމަށްފަހު ބިލް ޑެލިވަރ ކުރުމާއި ދެތޭރޭ އެ ހިނގާ 20 ނުވަތަ 25 ދުވަހުގެ ބެކްލޮގް ފިލުވާލެވި، ކަސްޓަމަރުންގެ ގިނަ ދުވަސްވީ ޝަކުވާއަށް ނިމުމެއް އަންނާނެކަން އެކުންފުނިން ފާހަގަކުރެއެވެ. އަދި އެޕްރީލް މަހުން ފެށިގެން ކޮންމެ މަހެއްގެވެސް ފަހު ހަފްތާގައި ރީޑިންގ ނަގައި ޖެހިގެން އަންނަ ދުވަހު ބިލް ފޮނުވިގެންދާނެ ކަމަށާއި މިއާއެކު ކަސްޓަމަރަށް ބިލާއި، މީޓަރުގެ ރީޑިންގ އަޅާކިޔަންލިބި ސްޓެލްކޯއަށް އަމާޒުވާ އޮޅުވާލުމުގެ ތުހުމަތު ތަކަށް ނިމުމެއް އައިސް، ސްޓެލްކޯގެ ބިލިންގ ސިސްޓަމަށް ކަސްޓަމަރުންގެ އިތުބާރު ބޮޑުވެގެން ދާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

Please enable JavaScript in your browser to complete this form.