ތިން ރަށެއްގެ ހެލްތް ސެންޓަރަށް އިތުރުކުރެވޭ އެކްސްޓެންޝަން އިމާރާތް އެޅުމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަނާއި ހަވާލު ކޮށްފިއެވެ.
21 ސެޕްޓެމްބަރ 2025 ވަނަ ދުވަހު ހެލްތް މިނިސްޓްރީއާއި އެކު ސޮއި ކުރެވުނު އެއްބަސްވުމުގެ ދަަށުން ތ.މަޑިފުށި، ތ.ގުރައިދޫ އަދި ތ.ގާދިއްފުށީގެ ސިއްހީ މަރުކަޒަށް ބޭނުންވާ އިމާރާތެއްގެ މަސައްކަތް ވެމްކޯއިން ކުރާނެއެވެ.
ގުރައިދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރަން ބޭނުންވާ އާ އިމާރާތުގެ މަސައްކަތް ވެމްކޯއާ ހަވާލުކުރީ 32.8 މިލިއަން ރުފިޔާއަށް 325 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އަދި، މަޑިފުށީ ސިއްހީ މަރުކަޒަށް ބޭނުންވާ އާ އިމާރާތުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 12.8 މިލިއަން ރުފިޔާއަށް، 325 ދުވަހުގެ ތެރޭގައި ނިންމާށެވެ. ގާދިއްފުށީ އިމާރާތުގެ މަސައްކަތް ވެސް ހަވާލުކުރީ 12.8 މިލިއަން ރުފިޔާއަށް، 325 ދުވަހުން ނިންމާށެވެ.
މި އެއްބަސްވުންތަކުގައި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް މާކެޓިންގެ ޖެނެރަލް މެނޭޖަރު އިސްމާއިލް އުބައިދެވެ. އަދި، މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާޢިލް އަބްދުﷲއެވެ.
ވެމްކޯއަކީ ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރާ ކުންފުންޏެއް ކަމުގައި ވިޔަސް ވެމްކޯ އިން އަންނަނީ އެ ކުންފުނީގެ މާލީ ހާލަތު ރަނގަޅު ކުރުމަށް އިތުރު ދާއިރާތަކަށް ހިދުމަތްތަށް ފުޅާކުރަމުންނެވެ. މިގޮތުން ވެމްކޯއިން ވަނީ ފޮޅާ ސާފްކުރުމުގެ ޚިދުމަތުގެ އިތުރުން އިމާރާތް ތަޅާ ސާފް ކުރުމުގެ ޚިދުމަތް ވެސް ފަށާފައެވެ. ވެމްކޯ ދަރަނިވެރި ކުންފުންޏަކުން އަރަނިވެރި ކުންފުންޏަކަށް ހަދާނެކަމަށް މީގެ ކުރިން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ޖަލީލް ވަނީ ވިދާޅުވެފައެވެ.



